Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަދީބުގެ ސަލާމް އަދުރޭ އާއި ނިހާނުއަށް!

ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކުއަށާއި ނައިބް ލީޑަރ އަބްދުއްﷲ އަބްުދުއް ރަހީމް (އަދުރޭ)އަށް ސަލާމް ފޮނުވައިފިއެވެ.

ނައިބް ރައީސްކަމަށް އަދީބް ގެނައުމަށް "ޓީމް އަދީބް" ހައްދަވައިގެން އުޅުއްވި ނިހާން އާއި އަދުރޭއަކީ މީގެ ކުރިން އަދީބް އާއި އެންމެ ގާތް ދެ ބޭފުޅުންނެވެ. ނަމަވެސް މިހާރު އަދީބަށް އެންމެ ފާޑު ވިދާޅުވަނީ މި ދެބޭފުޅުންނެވެ.

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ މި މަހުގެ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރަށް ފަހަށް އަދީބް އާއި ބައްދަލު ނުކުރެވި ހުރުމަށްފަހު އިއްޔެ ދިމާވުމުން ހާއްސަ ސަލާމެއް ނިހާނު އާއި އަދުރޭއަށް ފޮނުވި ކަމަށެވެ.

އަދީބް އަކީވެސް ސުޕުރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް ގޮވާލާފައިވާ ފަރާތެކެވެ. ނަމަވެސް ރައީސް އަބްދުއްﷲ ޔާމީން އާއި އަދުރޭ އަދި ނިހާނު ގެންދަވަނީ އަދީބު ދޫކޮށްލައިފި ނަމަ ގައުމު ބައިބައި ވެގެންދާނެ ކަމަށް ވިދާޅުވެ އެގޮތަށް ދޫ ނުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ސިރާޖު ވިދާޅުވީ އަދީބްގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި އަދިވެސް ބޭސް ފަރުވާގެ ކަންކަން ހަމަޖައްސައި ނުދޭ ކަމަށެވެ.