ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއަށް ކުރިން ދައުވަތު އަރުވާފައިވާ 12 މެމްބަރުންގެ ދައުވަތު އަނބުރާ ގެންގޮސްފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށް ނެރުނު އަމުރަށް އަމަލު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް ރޭ ވަނީ އަމުރުކޮށްފައެވެ.
އެހެންކަމުން މެމްބަރުން މަޖިލީހަށް ހާޒިރުވުމަށް ފޮނުވި ދައުވަތު އަނބުރާ ގެނެވިފައިވާ ކަމަށް ބުނެ 12 މެމްބަރުންނަށް ރޭ ވަނީ މެސެޖެއް ފޮނުވާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ ވޯޓުން ބަލިވާނެކަން ޔަގީން ވާތީ ސަރުކާރުން ކުރުވި ކަމެއް ކަމަށެވެ.
ބާރަ މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ކަމަށްވާ މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށް، ޖަލަށް ލާފައެވެ.