Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ގަރާރު ފާސްވާނީ 43 މެމްބަރުން ހަމަވެގެން، ނުވާނަމަ ފަސްކުރެވޭނެ: ނިހާން

ރައީސުލް ޖުމުހޫރިއްޔާ އަށް ލިބިފައިވާ ގާނޫނީ ބާރުން މިމަހުގެ ފަސްވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްވާނީ 43 މެމްބަރުން ހަމަވެގެން ކަމަށާއި އެއަދަދު ހަމަނުވާނަމަ ގަރާރު ފާސްނުކޮށް ފަސްކުރެވޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އިތުރަށް ވިދާޅުވެފައިވަނީ ގާނޫނުގައި އޮންނަނީ ގަރާރު މަޖިލީހަށް ހުށައެޅުމަށް ކަމަށާއި މިއަދު ގަރާރު މަޖިލީހަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި ގަރާރު ފާސްކުރަން ވޯޓެއް ނަގާ ކަމަށާއި ފެންނަ ކަމަށްވާނަމަ ފެންނަ، އަދި ނުފެންނަ ކަމަށް ވާނަމަ ނުފެންނަ ކަމަށް ވޯޓު ދިނުމުން ނިމުނީ ކަމަށް ނިހާން ވިދާޅުވިއެވެ.

ނަމަވެސް ނުފެންނަ ކަމަށް ބަޔަކު ބޭނުންވާ ނަމަ އެބަޔަކު ހާޒިރުވެގެން ނޫނީ ގަރާރު ފާސް ނުކުރެވޭނެ ކަމަށް ބުނެ މިއަދު އިދިކޮޅު މެމްބަރުން މަޖިލީހަށް ހާޒިރުނުވުމުން ނިހާން އެބޭފުޅުންނަށް އިޝާރާތް ކުރެއްވިއެވެ.

"ގަރާރަށް ތާއީދު ކުރަން ވޯޓަށް އަހާކަށް ނުޖެހޭނެ، (މަޖިލީހަށް) ހިއްސާކުރީމަ އެއޮތީ ނިމިފަ. ފާސްކުރަން ހުށަހަޅަން ވާނޭ އިންނަނީ. ފާސްކުރަން ހުށަހެޅީމަ ނިންމަން ޖެހޭނީ ފެނޭތޯ ނުފެނޭތޯ ދެއްތޯ. އެހެންވީމަ ނުފެންނަ ބަޔަކު ހޯދައިގެންތާ ނުފެންނަ ކަމަށް ނިންމޭނީ. ތިކަން ތިގޮތަށް ކުރަން ނުފެނޭތާ ބަޔަކު ވޯޓް ދޭން ޖެހޭނީ."

އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެއްވެސް މެމްބަރަކު މަޖިލީހުގެ ޖަލްސާއަށް މިއަދު ހާޒިރު ވެފައެއް ނުވެއެވެ. ޖަލްސާއަށް ހާޒިރު ވެފައިވަނީ ޕީޕީއެމް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ 39 މެމްބަރުން އެކަންޏެވެ.

ޖަލްސާ ފެށުމުން މެމްބަރުން ތިބި އަދަދު ބެލުމަށް ފަހު މިއަދުގެ ޖަލްސާގެ ރިޔާސަތު ދޫކުރައްވައި މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު ވަނީ ވަޑައިގެންފައެވެ. މަސީހު ވަޑައިގަތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެވެ.