ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މިބައްދަލުވުމުން މިގަރާރު ފާސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މިހާރު މިވަނީ 15 ދުވަހުން 30 ދުވަހަށް އިތުރުކޮށް، ފާސްކޮށްފައެވެ. މިގަރާރު މަޖިލީހުން ބަލައިގެންފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް މިއީ ރައްޔިތުން އަމަލު ކުރަން ޖެހޭ މައްސަލައަކަށް ވާއިރު، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުން އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ނިންމޭނީ ޖުމުލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން މަޖިލީހުގައި ހާޒިރުވެގެންނެވެ. މިހާރުގެ މަޖިލީހުގައި އެއީ 43 މެމްބަރުންނެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ 43 މެމްބަރުން ހަމަނުވެ ބޭއްވި ޖަލްސާއަކަށް މިޖަލްސާ ވާތީ ޖަލްސާގައި ނިންމާ އެއްވެސް ނިންމުމެއް ސައްހަ ނުވާނެ ކަމަށް ބުނެފައެވެ.