Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ލަންކާ ޕާލަމެންޓްގެ ރައީސް ކަންބޮޑުވުން ފާޅުކޮށް މަސީހަށް ސިޓީއެއް ފޮނުއްވައިފި

ކަރު ޖަޔަސޫރިޔާ

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސްރީލަންކާގެ ޕާލަމެންޓުގެ ރައީސް އަދި ސާކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސް އެސޯސިއޭޝަންގެ ޗެއާޕާސަން ކަރު ޖަޔަސޫރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެ ސިޓީގެ ކޮޕީއެއް ލަންކާގެ ނޫސްތަކުން ވަނީ އާންމުކޮށްފައެވެ.

ޖަޔަސޫރިޔާގެ ސިޓީގައި ވިދާޅުވެފައިވަނީ ސާކްގެ ޕާލަމެންޓޭރިއަނުންގެ ޖަމްއިއްޔާގެ މެމްބަރުން އަބަދުވެސް މަަސައްކަތް ކުރާނީ ސާކް ޗާޓަރ އޮފް ޑިމޮކްރަސީއާ އެއްގޮތަށް ކަމަށާއި، ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ކަންބޮޑުވުން މަސީހުއަށް ދެންނެވުމަކީ ޖަމްއިއްޔާގެ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގައި ކުއްލި ހާލަތުގެ އިއުލާނުކުރުމާއި، ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާނުވުމާއި، ދުސްތޫރީ އަސާސުތައް ގަބޫލުނުކުރުމުގެ އިތުރުން ރޫލް އޮފް ލޯއަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް އިހުތިރާމު ނުކުރުމުން ފަދަ ކަންކަމަކީ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ބާއްވާ އިންތިޚާބަކަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނެ ކަންތައްތައް ކަމަށްވެސް ލަންކާގެ ޕާލަމެންޓުގެ ރައީސް ފާހަގަކުރެއްވި އެވެ.

އަދި ބާރުތައް ވަކިކުރުމާ ބެހޭގޮތުން ރާއްޖޭގެ ގާނޫނު އަސާސީގައި ވާ ކަންކަމަށް އިހުތިރާމުކޮށް، އަމަލުކޮށްފި ނަމަ ސާކް ސަރަހައްދުގެ ބާރުވެރިކަން އިތުރުވާނެ ކަމަށާއި، ރާއްޖެއަކީ ސާކް ޕާލަމެންޓޭރިއަންސް އެސޯސިއޭޝަންގެ މުހިންމު މެމްބަރެއް ކަމަށާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން މުޅި ސާކް ސަރަހައްދަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކަރު ޖަޔަސޫރިޔާ ވަނީ ރާއްޖޭގެ ހުރިހާ ފަރާތަކުން ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލެއް ހޯދައި، މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުން އެމެމްބަރުންގެ ޒިންމާ އަދާކުރާނެ ފުރުސަތު ހޯދައިދީ، މިއަހަރު ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް މަސީހުގެ އަރިހުން އެދިލައްވާފައެވެ.