Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފަނޑިޔާރުން ރަހީނުކޮށްގެން ޖުޑީޝަރީ މިނިވަނެއް ނުވާނެ: ޝާހީން

ފަނޑިޔާރުން ރަހީނުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ކޯޓުތައް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެކަމަށް ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެއްޖެ އެވެ.

ޝާހީން މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ޕްރިމިއަރ ޗެމްބާސްގެ އެކައުންޓް އިން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝާހީން ވިދާޅުވެފައި ވަނީ ފަނޑިޔާރުން ރަހީނުކޮށް، ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޝަރުއީ ދާއިރާ މިނިވަން ކަމަށް ނުބުނެވޭނެއެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކާ ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކާ އެކުވެރި އެހެން ވަކީލުން ވެސް ތެދުވެވަޑައިގެންނެވުމަށް ޝާހީން ވަނީ ގޮވާލައްވާފަ އެވެ.

މި މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި ކުއްލި ޙާލަތު އިއުލާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތު 15 ދުވަހުން 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް މިއަދު ވަނީ ހުށަހަޅާފައެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ކަމުގައިވާ އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، މިއީ އެކަމާ ދެކޮޅަށް ޝާހީން ހަމީދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް މައުމޫނަށާއި މިހާރުގެ ރައީސް އަބުދުﷲ ޔާމީނަށް ވެސް ބޮޑުބޭބެ ވިދާޅުވާ ޝާހީން އެހެން ވިދާޅުވެފައިވާ ކަމަށް ބުނެ ޕްރިމިއަ ޗެމްބާސްއިން ކުރި ޓްވިޓައެކު ބައެއް ގާނޫނީ ވަކީލުން ދަނީ ހަމަ އެމެސެޖު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.