Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނޫސްވެރިޔާ ހުސައިންގެ ހާލު ރައީސް ނަޝީދު ބައްލަވާ ލައްވައިފި

ރައީސް ނަޝީދު ލަންކާ ހޮސްޕިޓަލަށް ވަޑައިގެން ހުސައިން ހަސަންއާއެކު -- ރާއްޖެއެމްވީ ފޮޓޯ : އަހުމަދު މުހުސިނު

މިދިޔަ ހުކުރު ދުވަހުގެ ރޭ މުޒާހަރާ ކަވަރު ކުރުމަށް އުޅެނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ނޫސްވެރިންނަށް ހުރަސްއެޅުމުގެ ތެރެއިން އަނިޔާވި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންގެ ހާލު ރައީސް މުހައްމަދު ނަޝީދު ބައްލަވާ ލައްވައިފިއެވެ.

ހުސައިން އިތުރު ފަރުވާއަށް އިއްޔެ އަވަށްޓެރި ސްރީލަންކާއަށް ގޮސްފައިވާއިރު ހުސައިން ފަރުވާ ހޯދަމުންދަނީ ލަންކާ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެ ޓީވީ އިން ރިޕޯޓް ކުރާ ގޮތުގައި ރައީސް ނަޝީދު ވަނީ މިއަދު ހަވީރު ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ހުސައިންގެ ހާލު ބައްލަވާލާފައެވެ. އަދި ރައީސް ނަޝީދު ވަނީ ހުސައިންގެ ހިތްވަރަށް ތައުރީފް ކުރައްވާ ކަމަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ހުސައިން ހައްޔަރު ކުރުމަށްފަހު ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ މައި އިދާރާއަށެވެ. ނަމަވެސް ހުސައިންގެ ހާލުދެރަވެ ފަހުން ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރު ހުސައިންވަނީ ހޭވެސް ނެތިފައެވެ.

ހުސައިން ލަންކާއަށް ފުރާފައި ވަނީ އިއްޔެ އެވެ. އޭގެ ކުރިން އޭނާ ފަރުވާ ހޯދަމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

ހުސައިންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާއިރު، ބޭރުފުށުންވެސް ބައެއް އަނިޔާތައް ފެންނާން ހުއްޓެވެ.