Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

މިހާާރު ނޫހުގައި ލިޔެފައިވަނީ ދޮގު ޚަބަރެއް – އިމިގްރޭޝަން

ފުރަންގޮސް ހުރި ފަރާތެއް ފުރިޔަނުދީ ހުއްޓުވުމަށް އިމިގްރޭޝަން އޮފިސަރަކު ބޯޑިންގ ގޭޓަށް ގޮސް މަސައްކަތް ކުރި ކަމަށް 18 ފެބްރުއަރީ 2018 ގައި "މިހާރު" ނޫހުގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަޤީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

މިއަދު މޯލްޑިވްސް އިމިގްރޭޝަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އމިގްރޭޝަނާއި ބެހޭގޮތުން ދޮގު ވާހަކަ ފަތުރާ ބަދުނާމް ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އާޅާނެކަން ތަކުރާރުކޮށް ހަނދުމަކޮށްދެވިފައިވާނެ ކަމަށާއި، އެފަދަ ދޮގު ޚަބަރުތައް އިމިގްރޭޝަންގެ ބަހެއް ނެތި ފަތުރަމުންދާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި އިމިގްރޭޝަނުން ދަނީ މިހާރު މި މައްސަލަ ދިރާސާ ކުރަމުން ކަމަށެވެ.

އަދި އިމިގްރޭޝަން އޮފިސަރުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ވެސް އިމިގްރޭޝަން މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކި ކަމުގައި ވީނަމަވެސް، އިމިގްރޭޝަންގެ މުވައްޒަފުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިމިގްރޭޝަން ޤާނޫނުން އިމިގްރޭޝަން އޮފިސަރުންނަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން އެއްވެސް ފަރާތެއް ރާއްޖެއިން ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އެފަރާތެއް ފުލައިޓަށް ބޯޑްކޮށްފައިވިޔަސް، އޮފްލޯޑްކޮށް، ރާއްޖެއިން ބޭރަށްް ފުރުން ހުއްޓުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އިމިގްރޭޝަންގެ އަގުވައްޓާލުމަށް އެކި ވަސީލަތްތައް ބޭނުންކޮށް ބައެއް ފަރާތްތަކުން ދޮގު ޚަބަރު ފަތުރަމުން ދާކަމީ އިމިގްރޭޝަނުން ހިތާމަކުރާ ކަމެއް ކަމަށާއި، މިފަދަ ދޮގު ޚަބަރު ފެތުރުމުގައި އާއްމު ރައްޔިތުން ބައިވެރި ނުވުމަށް ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިމިގްރޭޝަންއިން މިގޮތަށް ބަޔާނެއް ނެރެފައިވަނީ "މިހާރު" ނޫހުގައި ރާއްޖެ ޓީވީގެ ޖާނަލިސްޓެއް ކަމަށްވާ ހަސަން ހުސެއިން ބޭރަށް ފަރުވާއަށް ދިއުމަށް އިމިގްރޭޝަންއިން ހުރަސްއަޅާފައިވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެންނެވެ.