Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާއެއް ނުދެން: މަސީހް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް މަސީހު ވިދާޅުވެއްޖެއެވެ.

މަސީހް އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑު ފެތުރެން ފެށީ އިއްޔެ ބޭއްވި ޚާއްސަ ޖަލްސާ ފަށައިގެން ހާޒިރުވެ ވަޑައިގެން ތިއްބެވި މެމްބަރުންގެ އަދަދު ބައްލަވާލެއްވުމަށްފަހު ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވި ފަހުންނެވެ. އަދި އެޚަބަރުގެ ތެދު ދޮގު ބެއްލެވުމަށް ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މަސީހަށް ކޮންފަރެންސް ތެރެއިން ގުޅުއްވާފައެވެ.

އަދި ގުޅުއްވާފައި ސުވާލު ކުރެއްވުމުން މަސީހް ވަނީ އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ. މަސީހު ޖަވާބު ދެއްވީ ނޫސްވެރިންނަށް ޖަވާބު އަޑު އިވޭ ގޮތަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކަމަށެވެ.

މަސީހު އިއްޔެގެ ޖަލްސާގެ ރިޔާސަތު ދޫކުރައްވައި ވަޑައިގެންފައިވަނީ ޖަލްސާ ބޭއްވުމަށް ބޭނުންވާ މެމްބަރުން ހަމަނުވާތީ ކަމަށް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. އެއީ އިއްޔެގެ ޖަލްސާއަކީ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޖަލްސާއެވެ. އެއީ ރައްޔިތުން އަމަލު ކުރަން ޖެހޭ މައްސަލައަކަށް ވުމުން ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ގޮތެއް ކަނޑައެޅޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ހާޒިރުގައެވެ.

ނަމަވެސް އިއްޔެގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކުރުމުން ޖަލްސާގައި ތިއްބެވީ 38 މެމްބަރުންނެވެ. މަސީހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމުން ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އިއްޔެގެ ޖަލްސާގައި ގަރާރު ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އަދި ކޮމިޓީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހުން 30 ދުވަހަށް އިތުރު ކުރުމަށް ފާސްކޮށްފައެވެ.