Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

ވިގަން އަތުން ބަލިވެ ސިޓީ ކަޓައިފި

އިނގިރޭސި އެފްއޭ ކަޕުގައި ރޭ މެންޗެސްޓާ ސިޓީ އަދި ވިގަން އެތްލެޓިކް ބައްދަލުކުރި މެޗު 0-1 އިން ވިގަން ކާމިޔާބުކޮށް، ސިޓީ ސިއްސުވާލައިފިއެވެ. މިއީ މުޅި ސީޒަނުގައިވެސް ސިޓީ ބަލިވެ ތިންވަނަ މެޗެވެ.

މުޅި މެޗުގައިވެސް ސިޓީއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު ރޭ ޕެޕް ގުއާޑިއޯލާގެ ޓީމުން ވަނީ ގޯލަށް 29 ހަމަލާ ފޮނުވާފައެވެ. ނަމަވެސް ގޯލާ އަމާޒުވެފައިވަނީ އޭގެ ތެރެއިން އެންމެ 5 ހަމަލާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ސިޓީގެ ފަބިއަން ޑެލްފްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ދެވަނަ ހާފު ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުނު ނަމަވެސް ސިޓީއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ.

ނަމަވެސް ލަނޑެއް ކާމިޔާބުނުކުރެވި މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ވިގަން އެތްލެޓިކުން ވަނީ މެޗުގެ ހަމައެކަނި ލަނޑު 79 ވަނަ މިނެޓުގައި ޖަހާފައެވެ. ގްރިގް ޖަހާދިން މިގޯލާއެކު ވިގަން މޮޅުވެ ސިޓީ ވަނީ އެފްއޭ ކަޕުން ކަޓާފައެވެ.

މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންނާއި، ކުޅުންތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި، ފުލުހުންގެ އެހީތެރިކަން ވެސް ހޯދަން ޖެހުނެވެ. ރޭގެ މެޗަށްފަހު ސިޓީގެ އަގުއޭރޯ އާއި ވިގަންގެ ސަޕޯޓަރަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަގުއޭރޯ ވަނީ ސަޕޯޓަރަށް ހަމަލާވެސް ދީފައެވެ. އަދި ސިޓީގެ ކޯޗު ގުއާޑިއޯލާއާއި ވިގަންގެ ކޯޗު ޕޯލް ކުކްއާ ދެމެދު ހޫނު ޒުވާބެއްވެސް ވަނީ ހިނގާފައެވެ.