Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިދިކޮޅު މެމްބަރަކު "އަތުނުވުމުން" މެމްބަރުން ހަމަނުވިޔަސް ވޯޓަށް އަހަނީ

ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ، މީގެ ތެރެއިން ގިނަ މެމްބަރުން ވަނީ ރައީސް ޔާމީންގެ ފަޅި ދޫކުރައްވާފައި: ފޮޓޯ - މިހާރު

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިމަހުގެ ފަސްވަނަ ދުވަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ހުށައަޅާފައިވާ ގަރާރު މަޖިލީހުން ފާސްކުރުމަށް ވެރިކަންކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަނުން ނިންމައިފިއެވެ.

ސަރުކާރު ކޯލިޝަނުން 22 މެމްބަރަކު ބައިވެރިވި ކުއްލި ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުގައި މަޖިލީހުގައި 43 މެމްބަރުން ހަމަނުވިޔަސް ވޯޓަށް އެހުމަށެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އަމަލު ކުރަން ޖެހޭ ކަމެއް މަޖިލިސް ތަޅުމުން ފާސްކުރެވޭނީ ޖަލްސާގައި މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހަމަވުމުންނެވެ.

ގަރާރު ހުށައެޅި ޖަލްސާގައި ހާޒިރުވެތިބީ ސަރުކާރު ކޯލިޝަނުގެ 38 މެމްބަރުން އެކަންޏެވެ. އެހެންކަމުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރާ މަޖިލިހެއްގައި މިގަރާރު ފާސްވާނީ އިދިކޮޅު މެމްބަރުންވެސް ހާޒިރުވެގެންނެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ވަނީ އިދިކޮޅު ބައެއް މެމްބަރުންނަށް ތަފާތު ހުށައެޅުންތައް ހުށައަޅައިގެން ގަރާރު ހުށައެޅި ޖަލްސާއަށް ހާޒިރުވުމަށް ދައުވަތު އަރުވާފައެވެ. ނަމަވެސް އެދުވަހު އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.

އަދި އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވަނީ އެމަނިކުފާނުގެ ވޯޓު ހޯއްދެވުމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ކުރައްވާ މަސައްކަތް ހުއްޓާލުމަށް އެދިފައެވެ. އަރީފް ވަނީ އޭނާއަކީ ރައީސް ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާފަށްގަނޑަކަށް ވުމަށް ނެތް ކަމަށް ބުނެ ފާޅުގައި ވޯޓު ނުދޭނެ ކަމަށް ވިދާޅުވެ މިއަދު ޓުވީޓެއްވެސް ކުރައްވާފައެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މީގެ ކުރިން ގަރާރު ފާސްވާނީ 43 މެމްބަރުން ހަމަވެގެން ކަމަށް ވިދާޅުވެފައެވެ. ހަމަނުވާނަމަ ފަސްކުރާނީ ކަމަށް ނިހާން ހޯމަ ދުވަހު ވިދާޅުވުމަށްފަހު މިއަދު ޕީޕީއެމުން ވަނީ އެ އަދަދަށް މެމްބަރުން ހަމަނުވިޔަސް ގަރާރު ފާސްކުރުމަށް ހުށައަޅާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވައި، ގަރާރު މަޖިލީހަށް ހުށައެޅި ދުވަހު އޭނާ ވަނީ ޖަލްސާ ފައްޓަވައި، މެމްބަރުން ތިބި އަދަދު ބައްލަވާލެއްވުމަށްފަހު ރިޔާސަތު ދޫކޮށް ވަޑައިގެންފައެވެ. އަދި އެއަށްފަހު މަސީހު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް މަސީހު ވަނީ ރޭ އެވާހަކަތައް ދޮގުކޮށްފައެވެ.