Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ގަރާރަށް ވޯޓަށް އެހުން މިއަދު ހަވީރު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހުން 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ފާސްކުރުމަށް ވޯޓަށް އެހުން މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފިއެވެ.

ވޯޓަށް އެހުން ތާވަލުކޮށްފައިވަނީ ޖަލްސާ ބޭއްވުމަށް ބޭނުންވާ 43 މެމްބަރުން ހަމަނުވިޔަސް ގަރާރު ފާސްކުރުމަށް ޕީޕީއެމުން ނިންމާފައި ވަނިކޮށެވެ.

އަދި ސަރުކާރު ކޯލިޝަނުން މިހާރު ވަނީ ގަރާރު ފާސްކުރުމަށް ތްރީލައިން ވިޕެއްވެސް ނެރެފައެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ގަރާރު ފާސްކުރަން ވޯޓަށް ހުށައެޅުމަށް ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ކުރިން 43 މެމްބަރުން ހަމަނުވަނީސް ގަރާރު ފާސްނުކުރެވޭނެ ކަމަށް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ވިދާޅުވެފައިވެސް ވަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމުން މިގޮތަށް ނިންމީ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ރައީސުލް ޖުމުހޫރިއްޔާ މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ 15 ދުވަހަށެވެ. މިރޭ 20:00 އަށް ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން އިތުރު ކުރުމަށް ފާސް ނުވެއްޖެނަމަ ނިމިގެންދާނެއެވެ.