Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ފައިސާ ދެއްކުމުން ވިލާއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ގާސިމް އިބްރާހިމް، ފޮޓޯ: މިހާރު

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ވިލާ ޝިޕިންއާ ދެކޮޅަށް ހުށައެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

ޓެކްސް ނުދައްކައިގެން ވިލާއާ ދެކޮޅަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފައިވަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވިލާއިން ދެއްކުމުންނެވެ.

މީރާއިން ވަނީ ޓެކްސް ނުދައްކައިގެން ވިލާ ޝިޕިންއާ ދެކޮޅަށް 74 މިލިއަން ރުފިޔާ ހޯދުމަށް ތިން ދައުވާއެއް ކޮށްފައެވެ. އޭގެ ތެރެއިން 1.2 މިލިއަން ޑޮލަރު ހޯދުމަށް ކުރި ދައުވާއާ އެއް ގޮތަށް ފައިސާ ދެއްކުމުން ކުރިން އެ ދައުވާ ވަނީ ގެންގޮސްފައެވެ.

އަދި އަނެއް ދެ މައްސަލާގައި ދައުލަތަށް ދައްކަން ޖެހޭ 2 މިލިއަން ޑޮލަރު (49 މިލިއަން ރުފިޔާ) އާއި 7.4 މިލިއަން ރުފިޔާ ވިލާއިން ދައްކާފައިވާތީ މީރާއިން ވަނީ ކޯޓަށް އިއްޔެ އެކަން އަންގާފައެވެ.

އޭގެ ސަބަބުން ކޯޓުން ވަނީ މައްސަލަ ހައްލުވެފައިވާ ކަމަށް ނިންމައި ހުކުމްކޮށްފައެވެ. ވިލާއިން ޓެކްސް ގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ދައުލަތުން ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް ދޫކޮށްފައިވާ ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަވެސް ހިފަހައްޓާފައެވެ.

ވިލާއިން ބުނެފައިވަނީ މިއީ ސަރުކާރުން ވިލާގެ ޗެއާމަން، އޮނަރަބަލް ގާސިމް އިބްރާހިމަށް ސިޔާސީ ގޮތުން ކުރާ ދަތިތަކެއް ކަމަށެވެ. ގާސިމް މިހާރު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ނައިސް، ބޭރުގައެވެ.