ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށާއި ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ދާއިރާ ކުރިއަރުވާ ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިިޓަޔާޑް މުޙައްމަދު ނާޒިމް ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ތައިލެންޑުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދޭން ނިންމައިފި އެވެ.
މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ވަނީ ތައިލެންޑްގެ ދިފާޢީ ވަޒީރު އެއަ ޗީފް މާރޝަލް ސުކުމްޕޮލް ސުވަނަޓަޓް އާ ބައްދަލު ކުރައްވާފަ އެވެ.
މިބައްދަލު ކުރެއްވުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެ އާއި ތައިލެންޑާ ދެމެދު ޒަމާނުއްސުރެ އޮންނަ ވިޔަފާރީގެ ގުޅުން، ދިފާޢީ އަދި އަސްކަރީ ދާއިރާ އަށް ފުޅާ ކުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ތައިލެންޑްގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ އަސްކަރީ އަދި ދިފާޢީ ދާއިރާގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާގެ ޤާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ތައިލެންޑުން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު ވަނީ އެއަޕޯޓްސް އޮފް ތައިލެންޑް ޕަބްލިކް ކޮމްޕެނީ ލިމިޓެޑްގެ ޗެއަމަން ސިޓާ ޑިވާރީ އާ ބައްދަލުކުރައްވާ ތައިލެންޑުގައި އެއަރޕޯޓުތައް ހިންގާ ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތައް އޮޅުން ފިލުއްވައި، ތައިލެންޑުގެ އެންމެ ބޮޑު އެއަޕޯޓްކަމުގައިވާ ސުވަނަބުމި އެއަޕޯޓުގެ ސެކިއުރިޓީ ކަންތައްތައް ބަލަހައްޓާ ލޮކްސްލީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއަޕޯޓުގައި ހިންގާ ސެކިއުރިޓީ ޓްރެއިނިންގ ސެންޓަރ އަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.
އެ ސަމްޕްޝަން ޔުނިވަސިޓީ އޮފް ތައިލެންޑަށާއި އަސްކަރީ އުޅަނދުފަހަރު އުފައްދާ ކުންފުންޏެއް ކަމަށްވާ މާސަން ކޮމްޕެނީ ލިމިޓެޑަށް ޒިޔާރަތް ކުރައްވައި، ތައިލެންޑްގެ އެންމެ ބޮޑު އެއަޕޯޓްކަމަށްވާ ސުވަނަބުމި އެއަޕޯޓް އަދި ދުނިޔޭގެ އެންމެ ރީތި އެއް އެއަޕޯޓް ކަމަށްވާ ސަމުއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތް ކުރައްވާ އެއަޕޯޓުތަކުގެ އޮޕަރޭޝަންތައް ކުރިއަށް ދާ ގޮތް ވެސް މިނިސްޓަރު ބައްލަވާލައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ނާޒިމް ތައިލެންޑަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން ދިފާޢީ އަދި އަސްކަރީ ދާއިރާ އިން ދެ ޤައުމުގެ ގުޅުން ބަދަހިވުމުގެ އިތުރުން، ރާއްޖޭގެ ވައިގެ ދަތުރު ފަތުރު ކުރުމުގެ ދާއިރާގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާ ކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށާއި އަދި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިންނާ އެއްގަމާއި ކަނޑުގެ ބަނދަރު ފަހަރުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ދާއިރާއިން ތައިލެންޑުގައި ދިވެހިން ތަމްރީނުކުރުމުގެ ފުރުސަތުވެ ސް ހުޅުވިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރައްވަ އެވެ.