ދިވެހި ސަރުކާރުން އިއްލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ގެނެސް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ހަރުކަށި ގޮތަކަށް މިއަދު އިންޑިއާއިން ގޮވާލައިފިއެވެ.
އިންޑިއާއިން މިފަދަ ހަރުކަށި ގޮތަކަށް ގޮވާލާފައި މިވަނީ މިރޭ 8 ޖަހާއިރަށް ކުއްލި ހާލަތުގެ މުއްދަތު ހަމަވާތީ އިތުރު 30 ދުވަހަށް ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރުމަށް ރައީސް ޔާމީން މަޖްލިސްގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ހާލަތު އިއުލާންކޮށްފައިވާ މުއްދަތު އިތުރު ކުރާނެކަމަށް އިންޑިއާއިން ގަބޫލު ނުކުރާ ކަމަށާއި، ރާއްޖޭގެ ސުޕުރީމް ކޯޓުގެ އަމުރަށް ބޯލަބައި ދިވެހި ރައްޔިތުންގެ އެދޭ ގޮތަށް އަދި ބައިނަލު އަގުވާމީ ކަންބޮޑުވުންތަކަށް ވެސް ހައްލު ލިބޭ ގޮތަށް ވީހާ ވެސް އަވަހަކަށް ރާއްޖެ ގާނޫނުގެ ހުކޫމަތާއި ޑިމޮކްރަސީގެ މަގަށް ރުޖޫއަވުން މުހިއްމު ކަމަށެވެ.
އިންޑިއާއިން މިފަދަ އިންޒާރެއް ދިން އިރު އަވައްޓެރި ލަންކާއިންވެސް ވަނީ އިދިކޮޅާއި ގުޅިގެން ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް ނިންމާފައެވެ.
ކުއްލި ހާލަތުގެ ގަރާރާއި މެދު ގޮތެއް ނިންމުމަށް މަޖްލިސްތެރެއިން ބޭނުންވާ ގާނޫނީ އަދަދަށް ވޯޓު ނުލިބޭނެކަން ޕީޕީއެމްއަށް ޔަގީން ވެފައިވާ އިރު މިހާރު ދަނީ ވޯޓަށް އެހުން ލަސް ކުރަމުންނެވެ. އަދި ވޯޓު ލިބުނަސް ނުލިބުނަސް ކުއްލި ހާލަތުގެ މުައްދަތު އިތުރު ކުރާނެކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އިއްޔެ ވަނީ ވިދާޅުވެފައެވެ.