ޗައިނާގެ ހަނގުރާމަ މަތީ މަނަވަރުތައް އިންޑިޔާ ކަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
ޚަބަރު ލިބޭ ގޮތުގައި ޗައިނާ އަސްކަރިއްޔާގެ 11 މަނަވަރު ވަނީ އިރުމަތީ އިންޑިޔާގެ އައްސޭރިފަށަށް ވަދެފައެވެ. ޗައިނާގެ މަނަވަރުތައް އިންޑިޔާ ކަނޑުގެ ތެރެއަށް ވަދެފައި މިވަނީ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް އިންޑިޔާއިން ވަންނަން އުޅޭ ކަމުގެ ވާހަކަތައް ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.
ނަމަވެސް އިންޑިޔާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް، އިންޑިޔާ ސިފައިން ރާއްޖެ ނާންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އެ ޔަގީންކަން އިންޑިޔާއިން އަރުވާފައިވަނީ ޗައިނާއިން އިންޑިޔާ ސިފައިން ރާއްޖެ އަރާތަން ބަލަން ނުތިބޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް ބުނެފައިވަނިކޮށެވެ.
ދެގައުމުގެ ދެމެދުގައި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި އިންޑިޔާ ކަނޑުގެ ތެރެއިން ޗައިނާގެ ހަނގުރާމަތީ މަނަވަރުތަކެއް ފެނުމުން އިންޑިޔާގެ އަސްކަރިއްޔާ ވަނީ އެލާޓަށް އައިސްފައެވެ. ނަމަވެސް ރަސްމީ ގޮތުން ދެގައުމުންވެސް އަދި މިކަމާ ގުޅޭ ގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.