ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެ ކަމަށާއި، އެ ޖަލްސާގައި ރައީސް ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.
ނިހާން މިފަދައިން ވިދާޅުވި ނަމަވެސް އަދި މިހާތަނަށް މާދަމާ ޖަލްސާއެއް ބާއްވަވާނެކަމެއް ނުވަތަ ނޫންކަން މަޖްލިސްގެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައިވަނީ ދަރުބާރު ގޭގައި މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާވަނީ ކެންސަލް ކޮށްފައެވެ.