Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުން ކުށްވެރިކުރަން: ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކުއްލި ނުރައްކަލުގެ ހާލަތުގެ ނިވަލުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުން ކުށްވެރިކުރާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިހެން ބުނެފައި ވަނީ މިރޭ ކުރި ޓްވީޓްތަކެއްގަ އެވެ.

އެ ޖަމިއްޔާއިން ކުރި ފުރަތަމަ ޓްވީޓް ގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ ބާރު ކެނޑޭގޮތަށް ހުއްޓުމެއްނެތި ކުރަމުންގެންދާ ކަންކަމާއި، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ނިވަލުގައި އިތުރަށް ހިފަހައްޓާ ހިފެހެއްޓުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެ ޖަމިއްޔާއިން ބުނީ ރައްޔިތުންގެ މަޖިލިސް ހިނގަން ވާނީ ހުރިހާ ރައްޔިތުން ތަމްޞީލު ކުރެވޭ އުސޫލަކުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިހެން ބުނެފައިވާއިރު، މިއަދު ހަވީރު 40 މެމްބަރުން ބައިވެރިވެގެން ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވޯޓު ދިން 38 މެންބަރުންގެ އިއްތިފާގުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް، ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ސަރުކާރުން އަދިވެސް ރައްޔިތުންގެ އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށާއި، މަޖިލީހުން ފާސްކުރި ޤަރާރަށް އެއްވެސް ރައްޔިތަކު ތަބާވާން ނުޖެހޭނެ ކަމަށް ބުނަމުންނެވެ.