ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގައި ރޭ ޗެލްސީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި މެސީ ވަނީ އެންމެ ފަހުން ޗެލްސީ ކޮޅަށް ލަނޑެއް ޖަހާފައެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުފެނި ނިމިގެން ދިޔަ ނަމަވެސް ޗެލްސީން ވަނީ ގޯލުގެ ހުރަސް ދަނޑިއާ ބޯޅަ އަމާޒުކޮށް، ނަތީޖާ ނެރުމާއި ކައިރި ކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީއިން ވަނީ ލީޑު ނަގާފައެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގާދިނީ ވިލިއަންއެވެ. ޗެލްސީ ޑިފެންސް ލައިނުން ރޭގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެސީ ނަތީޖާ އެއްވަރުކުރީ ޑިފެންޑަރު ކްރިސްޓެންސަން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އޭނާ ޓީމުގެ ކުޅުންތެރިޔަކަށް ދޭން އުޅުނު ބޯޅަ ލިބުނީ އިނިއެސްޓާ އަށެވެ. އިނިއެސްޓާ ފޮނުވި ހުސް ބޯޅަ މެސީ ވަނީ އުނދަގުލެއް ނެތި ބާސާ ގޯލު ތެރެއަށް ވައްދާލާފައެވެ.
މިއީ ޗެމްޕިއަންސް ލީގުގައި 9 މެޗުގައި ބާސާއާ ދެކޮޅަށް ކުޅެ، މެސީ އެޓީމު ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ. އަދި އެއީ ބާސާއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްވެސްމެއެވެ. އެވޭ ގޯލުން މިހާރު ފުރުސަތު ބޮޑީ ބާސާއަށެވެ. މި ދެޓީމު ބައްދަލުކުރާ މެޗު ބާސާ ދަނޑުގައި ކުޅޭނީ އަންނަ މާޗު މަހުގެ 14 ވަނަ ދުވަހުގައެވެ.