Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިމްރާން މިނިވަން ކުރުމަށް 40 ޢިލްމުވެރިން ގޮވާލައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް، އައް ޝެއިޚް އިމްރާން އަބްދުﷲ ވަގުތުން މިނިވަން ކުރުމަށް ގޮވާލައި 40 ޢިލްމުވެރިޔަކު ސޮއި ކުރައްވައި ބަޔާނެއް ނެރެފިއެވެ.

މިިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން މިނިވަން ކުރުމަށް އަމުރު ކުރި ލީޑަރުންގެ ތެރޭގައި ޝެއިޚް އިމްރާންވެސް ހިމެނި ވަޑައިގަންނަވައެވެ.

އިމްރާންގެ ހައްގުގައި އިލްމުވެރިން ތެދުވެފައިވާއިރު އެ އިލްމުވެރިން ވަނީ އިމްރާން ވަގުތުން މިނިވަން ކުރަން ޖެހޭ ސަބަބުތަކެއްވެސް ބަޔާން ކޮށްފައެވެ.

އޭގެ ތެރޭގައި އިމްރާނާ ދެކޮޅަށް އުފުލި ދައުވާ ސާބިތުކޮށްފައިވަނީ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި ސިއްރު ހެކިންގެ ހެކިބަހުން ކަން ފާހަގަކުރައްވައި، އެއީ އިސްލާމީ ޝަރީއަތުގައި މައްސަލަ ސާބިތުކުރަން އޮންނަ އުސޫލުން ހިންގި ޝަރީއަތެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އިމްރާނާ ދެކޮޅަށް އުފުލި ދައުވާގައި އެމަނިކުފާނު ދެއްކެވި ވާހަކައިން ހަމަނުޖެހުން އުފެއްދުމަށް މަގުފަހިވާ ކަން ސާބިތުކުރުމަށް ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށައެޅިކަން ސާފުކަމަށް އިލްމުވެރިން ފާހަގަކުރައްވާފައިވެއެވެ.

މޭޑޭ މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން ޓެރަރިޒަމްގެ ދައުވާ އުފުލައި، ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައިވާއިރު އެދުވަހު އެމަނިކުފާނުގެ ވާހަކަފުޅުގައި ހަމަނުޖެހުން ނަގާނުލުމަށް އެތައް ފަހަރަކު ގޮވާލާފައިވާ ކަމާއި އެކަން ފާހަގަކޮށްފައި ނުވާކަންވެސް އިމްރާންގެ ހައްގުގައި ތެދުވި އިލްމުވެރިން ވަނީ ރިއާޔަތްކޮށްފައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އިސްވެ ހުންނަވައިގެން ހުށައެޅި މި ބަޔާނުގައި އިސްވެ ދެންނެވި ސަބަބުތަކާ ހެދި ޝެއިޚް އިމްރާން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އިމްރާން މިނިވަން ކުރުމަށް އދ. ގެ އާބިޓަރީ ވޯކިންގ ގްރޫޕުންވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.