Last Updated: June 12, 22:51
Friday, June 12, 2026
ކުޅިވަރު

ބެޔާން ހިފެހެއްޓުމެއް ނެތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެފްސީ ބެޔާން އަދިި ބެސިކްޓާސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-5 އިން ބެޔާން މޮޅުވެއްޖެއެވެ.

ބެޔާން މެޗު ކާމިޔާބުކޮށްފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައި ބެސިކްޓާސްގެ ވިޑާއަށް ރެފްރީ ރަތް ކާޑު ދެއްކުމުން، 10 ކުޅުންތެރިންނާއެކު ބެސިކްޓާސް ކުޅެމުން ދަނިކޮށެވެ. ލެވަންޑޯސްކީ ބެސިކްޓާސްގެ އޭރިޔާ ތެރެއަށް ވަންނަން އުޅެނިކޮށް ވިޑާ އޭނާ ވައްޓާލުމުން ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.

ނަމަވެސް 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ބެސިކްޓާސް ކޮޅަށް ބެޔާންއަށް ލަނޑެއް ޖެހިފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މިލަނޑު ޖަހާފައިވަނީ ތޯމަސް މުލާއެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކޯމަން ވަނީ ލަނޑު ޖަހައި ބެޔާންއަށް ލީޑު ފުޅާކޮށްދީފައެވެ. ތިންވަނަ ލަނޑު ޖަހާފައިވަނީ 66 ވަނަ މިނެޓުގައި އަނެއްކާވެސް މުލާއެވެ.

ބެޔާންގެ ފަހު ދެ ލަނޑަކީ މެޗުގެ ފަހުކޮޅު ލެވަންޑޯސްކީ ކާމިޔާބުކުރި ދެ ލަނޑެވެ. އޭނާގެ ގޯލުތައް ފެނިގެން ގޮސްފައިވަނީ 79 އަދި 88 ވަނަ މިނެޓުގައެވެ.

ރޭ ކުޅުނު މެޗު ބެޔާންގެ ދަނޑުގައި ކުޅުނު ނަމަވެސް ބެސިކްޓާސްއަށް ކުއާޓާއަށް ދިއުމަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ބައިކޮޅަށް ލަނޑެއް ނުވައްދައި ބެސިކްޓާސްއަށް ވަނީ އަމިިއްލަ ދަނޑުގައި ކުޅޭ މެޗުގަިއ ބެޔާން ކޮޅަށް ހަލަނޑު ޖަހަން ޖެހިފައެވެ.