Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ދިފާއުގައި ދުންޔާ އދގެ ކޯޑިނޭޓަރުގެ އަރިހަށް

ފޮޓޯ: ޓްވިޓާ (ދުންޔާ މައުމޫން)

ބައްޕާފުޅު މައުމޫނު އަބްދުލް ޤައްޔޫމް އާއި ހައްޔަރުގައި ތިބި އެހެނިހެން މީހުންނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޮ ނޮޑާއާ ހިއްސާކުރައްވައިފި އެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު މައުމޫނުއާއި ހައްޔަރުކޮށްފައިވާ އެހެން ފަރާތްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އދ ގެ ރާއްޖޭގެ ރެޒިޑެންޓު ކޯޑިނޭޓަރު ޝޮކޮ ނޮޑާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި އދ. އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން ދުންޔާ ވިދާޅުވީ ރާއްޖޭއަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހައްލުކުރުމުގައި އދ. ގެ އެހީތެރިކަމަށް ބަރޯސާވެ ވަޑައިގެން ހުންނެވި ކަމަށެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެގޮތުން ރައީސް މައުމޫން ހައްޔަރުކޮށްފައިވާތީ ދުންޔާ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ހައްގުތަކާއި ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ދުންޔާ ވަނީ ބައްދަލު ކުރައްވާފައެވެ.