Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޖަލަށް ހުކުމްކޮށްފައި ހުރި ކުށްވެރިއަކު ހޯދަން ފާރިސްގެ އެޕާޓްމެންޓަށް ފުލުހުން ވަންނަން އުޅެފި: ވަކީލު

ފާރިސްގެ ގެކޮޅު ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ - ފޮޓޯ: ރާއްޖެއެމްވީ

ޖަލަށް ހުކުމްކޮށްފައި ހުރި ކުށްވެރިއަކު ހޯދަން ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އެޕާޓްމެންޓަށް ފުލުހުން ވަންނަން އުޅެފިއެވެ.

ފާރިސްގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމް އާއި ހަވާލާދީ ރާއްޖެއެމްވީ އިން ރިޕޯޓް ކުރާ ގޮތުގައި ފުލުހުން ވަނީ މުޅިން އެހެން ގެއެއްގެ ނަން ޖަހާފައި އޮތް ލިޔުމެއް ހިފައިގެން ގޮސް ފާރިސްގެ އެޕާޓްމެންޓަށް ވަންނަން އުޅެފައެވެ.

އަދި އެގޮތަށް ޢަމަލު ކުރުމަކީ ފުލުހުން ކުރި ފުރައްސާރައެއް ކަމަށްވެސް ފާރިސްގެ ވަކީލު ވިދާޅުވި އެވެ.

ފުލުހުން ގެންދިޔަ ލިޔުމުގައިވާ ގޮތުން ފުލުހުން ހޯދަމުން ދަނީ ޑްރަގް ކޯޓުން ތިން އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ 34 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ މާލޭގައި ދިރިއުޅޭ އެޑްރެސް އަކީ މ. ސެނަރޯސް ކަމަށް ރާއްޖެއެމްވީ އިން ރިޕޯޓް ކުރެއެވެ.

އެހެންނަމަވެސް ފުލުހުން ގެންގުޅުނު ލިޔުމުގައި ގަލަމަކުން އަރިމަތީގައި މ. ސްނޯރޯސް ލިޔެފައިއޮތް ކަމަށްވެސް ރާއްޖެއެމްވީ އިން ބުނެއެވެ. ފުލުހުން ފާރިސް ދިރިއުޅުއްވާ ގެ ކޮޅު ކައިރިއަށް ގޮސްފައިވަނީ، މިއަދު 10.15 ހާއިރު އެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ފާރިސްގެ ވަކީލް ޝަމީމް ވިދާޅުވީ ޑްރަގްގެ މައްސައެއްގައި ޖަލަށް ހުކުމް ކޮށްފައި ހުރި ކުށްވެރިއަކު ހޯދަން ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ދާންޖެހޭ ސަބަބެއް ނުވިސްނޭކަމަށާއި، ފުލުހުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭކަމަށާއި، މި އަމަލަކީ ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.

އަދި ފުލުހުން ފާރިސްގެ ގެކޮޅު ކައިރީ ކުޑައިރުކޮޅަކު ތިބުމަށްފަހު އެނބުރި ގޮސްފައިވާކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.