ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭރިކޮށް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
ޕީޕީއެމް އިން ރޭ ރުމާލު 2 ޖަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބައެއްގެ "ބެކްޔާޑު" ކަމަށް ވިދާޅުވުމަކީ ޝާހިދު ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށާއި އޭނާ އަށް ދެން ސިޔާސީ އެއްވެސް ޕާޓީއަކުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ސައީދު ވިދާޅުވީ ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ވަކާލާތު ކުރުމަށް ހޮވާފައި ހުރި މީހަކު ރާއްޖެއަކީ ބޭރު ބައެއްގެ ބެކްޔާޑު ކަމަށް ބުނީމާ އޭގަ ބައިވެރިވެރިވެގެން އެކަމަށް އެއްބާރުލުން ދިނުމަކީ އޭނާ އާ މެދު ދައުވާ ކުރަން ޖެހޭނެ ވަރުގެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބައެއްގެ ބެކްޔާޑް ކަމަށް ބުނުމަކީ ބައެއްގެ "ގިފިލި" ނުވަތަ "ހަނޑަސްބުރިއޭ" ބުނުން ކަހަލަ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ސައީދު ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް މެމްބަރުން ކުރެއްވީ ހައްގު މަސައްކަތެއް ކަމަށް ވިދާޅުވެ، ވޯޓް ދެއްވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަކީ އިދިކޮޅު ފަރާތްތަކަށް ވެސް އޮތް ގާނޫނީ ވާޖިބެއް ކަމުގައި ސައީދު ވިދާޅުވި އެވެ.