Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސިޔާސީ ބޭނުމަށް ދީނުގެ މަފްހޫމްތައް އޮޅުވާނުލާ: އަދާލަތު

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން--ފައިލް ފޮޓޯ ޓްވިޓާ

ސިޔާސީ ބޭނުންތަކަށްޓަކައި އިސްލާމުދީނުގެ ބައެއް މަފްހޫމުތައް އާންމުންނަށް އޮޅުން އަރާފަދަ ގޮތްގޮތަށް ބަޔާންކޮށް ކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި ކުރާ މަސައްކަތް ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިސްލާމީ ޝަރީޢަތުގެ އިސްތިލާޙުގައި ވެރިކަމާދެކޮޅަށް ނުކުތުން ނުވަތަ ބަޢާވާތްކުރުމަކީ އާންމުންގެ ތެރެއިން ބަޔަކު ހަތިޔާރާއެކު ނިކުމެ ހަނގުރާމަކޮށްގެން ގަދަބާރުން ވެރިކަން ބަދަލުކުރުން ނުވަތަ ބަދަލުކުރަން މަސައްކަތް ކުރުން ކަމަށާއި، އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ރައްޔިތުން ކުރަމުންގެންދާ އިހުތިޖާޖުތަކަށް ނިސްބަތްކޮށް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެއީ ބަޢާވާތްކުރުން ކަމުގައި ބުނަމުންދާ ދިޔުމަކީ އެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދު ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށްޓަކައި އިސްލާމްދީނުގެ މިފަދަ މުހިންމު މަފްހޫމުތައް އާންމުންނަށް އޮޅުންއަރާފަދަ ގޮތްގޮތަށް ބަޔާންކޮށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އިސްލާމްދީނާއި ޚިލާފަށް ޤައުމާއި ރައްޔިތުންނާއި މުޅި ދައުލަތުގެ މަސްލަޙަތު ގެއްލިދާފަދަ ގޮތްގޮތަށް ވެރިކަންކުރާ ފަރާތުން ހިންގާ ކަންކަން ހުއްޓުވުމަށްޓަކައި ސުލްޙަވެރިކަމާއެކު އެފަދަ ކަންކަން އިސްލާޙު ކުރުމުގެ ފުރުސަތު އިސްލާމީ ޝަރީޢަތުގެ ތެރެއިން ތަނަވަސްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އެބާވަުގެ ކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްނުކޮށް އެފަދަ މުންކަރާތްތަކާއި ދެކޮޅަށް ޙައްޤުބަސްނުބުނެ ހިމޭނުން ތިބުމީ އެކަންކަމުގައި ބައިވެރިވުންކަމުގައި އިސްލާމްދީނުގެ ސަރީޙަ ނައްސުތަކުން ސާބިތުވާ ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީން ބުނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީންވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި، ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތައް ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި މަދު ބައެއްގެ އަމިއްލަ އެދުންތައް ހާސިލުކުރުމުގައި "ހައްދުންނެއްޓިފައިވާ ވެރިކަމެއްގެ" ދިފާއުގައި އިސްލާމީ ޝަރީއަތުގެ މަފްހޫމްތައް އޮޅުވާލުމަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމުގައި ދެކޭ ކަމަށެވެ.

އަދި މިފަދަ އަމަލުތައް ހުއްޓާލުމަށްފަހު ހެޔޮމަގަށް އެނބުރި ރުޖޫޢަވުމަށް އަދާލަތު ޕާޓީން ވަނީ ސަރުކާރަށާއި މިފަދަ ޢަމަލުތައް ހިންގަމުންގެންދާ އެހެން ފަރާތްތަކަށްވެސް އިލްތިމާސްކޮށްފަ އެވެ.