މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ މައްޗަށްވެސް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައިވާ ކަމަށް ވަކީލުން ހާމަކޮށްފިއެވެ.
ޝިފާޒްގެ ވަކީލު ހާމަކޮށްފައިވާ ގޮތުގައި ފުލުހުން ކުރިން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައިވި ނަމަވެސް ފަހުން ވަނީ ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޝިފާޒްވެސް ހިމެނޭ ކަމަށް ބުނެފައެވެ.
ޝާއިރު އިތުރަށް ބުނެފައިވަނީ ފުލުހުން ޝިފާޒް ހައްޔަރުކޮށްފައިވަނީ ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހަރުގޭގައި އޭނާގެ ޒިންމާ އަދާކުރަން ހުއްޓާ ކަމަށެވެ. އަދި ފުލުހުން ޝިފާޒް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށްވެސް ޝާއިރު ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީ ހައްޔަރުކޮށްފައެވެ. ތިން ބޭފުޅުންނަށްވެސް ވަނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ކޮށްފައެވެ.