Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ދެވަނަ ފަހަރަށް ފޮރިން ސެކްރެޓަރީ އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

ފޮރިން ސެކްރެޓަރީ އިންޑިއާގެ ސަފީރާއި ބައްދަލުކުރައްވަނީ -- ފޮރިން މިނިސްޓްރީ

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ އިންޑިއާވެސް ހިމެނޭގޮތަށް ބައިނަލްއަގްވާމީ ގައުމުތަކާ އެކު އަބަދުވެސް މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ޤައުމެއް ކަމުގައި ވެސް ސަރީރު ފާހަގަކުރައްވާފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ސަރީރު އާއި މިޝްރާ ބައްދަލުކުރައްވައި ރާއްޖެއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވާފައިވާއިރު، އިންޑިއާ އިން ވަނީ ރާއްޖޭގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒް ކުރުމަށް ދެ ފަހަރެއްގެ މަތިން ގޮވާލާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަރުކާރުން މި ގޮވާލުންތަކަށް ދީފައިވަނީ ބީރު ކަންފަތެކެވެ.

ރާއްޖޭގެ ސަރުކާރުން އިންޑިއާ އެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އިންޑިއާ ފެންނަމުންދަނީ އެކަހެރި ކުރެވެމުންދާ މަންޒަރެވެ. ހަމައެހެންމެ ރައީސް ޔާމީން ވެސް ދާދި ފަހުން ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންނަކީ ޗައިނާ އާއި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާ ކަމަށެވެ. މިކަމާ ގުޅިގެން އިންޑިއާގެ އެކި ފަރާތްތަކުން ވަނީ ރާއްޖޭގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.