ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސީތާރަމް އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ތަފާތު ނޫސްތަކުގައި މިގޮތަށް ލިޔެފައިވަނީ ނަޝީދު މިދިޔަ އާދީއްތަ ދުވަހު ބެންގަލޫރަށް ވަޑައިގެންނެވި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރާއި އެކު ހުންނެވި ފޮޓޯ އެއް ޓްވީޓް ކުރައްވައި، ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ ނިރްމަލާ ސީތާރާމްއާ މަޝްވަރާކުރެއްވިކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
Pleasure to meet and brief Indian Minister of Defence H.E @nsitharaman on the situation in the #Maldives. pic.twitter.com/tsj2qIObJs
— Mohamed Nasheed (@MohamedNasheed) February 18, 2018
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ނިރްމަލާ އާއި ނަޝީދު ބައްދަލުވެވަޑައިގެންފައިވަނީ ބެންގަލޫރުގައި ކުރިއަށް ދިޔަ ހަފްލާގެ ނިމުގެ ރަސްމިއްޔާތުގެ ތެރެއިން ކަމަށެވެ. އަދި އެގޮތަށް ބައްދަލުވި ނަމަވެސް ރާއްޖޭގެ ކަންކަމާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި އެއީ ނުރަސްމީކަމެއް ކަމަށެވެ.
ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް އިންޑިއާއިން ގޮވާލާފައިވާ އިރު ނަޝީދު ވަނީ ރާއްޖޭގެ ކަންކަން ހައްލުކުރުމުގައި އިންޑިއާގެ އިސް ދައުރެއް އަދާ ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ނަޝީދު ޑިފެންސް މިނިސްޓަރާއި އެކު މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެން އެމަނިކުފާނަށް އެކި ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
ހާއްސަކޮށް ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ދަނީ ފާޑު ވިދާޅުވަމުންނެވެ.