Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރިޔާސީ ބަޔާން: ހުރިހާ ސްކޫލެއް ވައިފައި ކުރެވި ކޮންމެ ދަރިވަރަކަށް ޓެބްލެޓް ދެވޭނެ: ރައީސް

ދިވެހި ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ ހުރިހާ ސުކޫލެއް ވައިފައިކޮށް، ކޮންމެ ދަރިވަރަކަށް ޓެބްލެޓު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ދުނިޔޭގައި މިފަދަ ޚިދުމަތެއް ދޭ ފުރަތަމަ ގައުމަށް ދިވެހި ރާއްޖެ ހަދާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ތައުލީމު ފޯރުކޮށްދިނުމުގައި ރާއްޖެ އާ މަރުހަލާއަކަށް ގެންގޮސްދެއްވާނެ ކަމަށެވެ.

އަދި އެގޮތުން ހުރިހާ ސުކޫލެއް ވައިފައިކޮށް، ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ފޯރުކޮށްދީ، ޓެކްނޮލޮޖީއިން ދަރިވަރުން ގުޅާލާނެ ކަމަށް ރައީސް ޔާމީން ވަނީ މިރޭގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތަށް ލިބިފައިވާ ކާމިޔާބީތަކާއި ހޯދާފައިވާ ކުރިއެރުންތަކަށް ރިޔާސީ ބަޔާނުގައި އަލިއަޅުވާލާފައެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގައި ރާއްޖޭގެ ކުށުގެ ރޭޓު 38 އިންސައްތަ ދަށް ކުރެވިފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިންވެސް ރާއްޖެ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ރައީސް ވަނީ ލަފާކުރައްވާފައެވެ. ބޭރުގެ އިންވެސްޓުމެންޓުތައްވެސް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ސިއްހީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން ވެސް ފާއިތުވެދިޔަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން ކުރިން ރާއްޖެއިން ފަރުވާ ނުހޯދޭ ގިނަ ބަލިތަކެއްގެ ފަރުވާ މިހާރު ރާއްޖެއިން ހޯދޭނެ ކަމަށާއި މެޑިކަލް ކޮލެޖުވެސް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ގިނަ މެޑެލްތަކެއް ދިވެހި އެތްލީޓުން ހޯދާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލް ޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ހާޒިރުވެފައިވަނީ އެންމެ 36 މެމްބަރުންނެވެ. އިދިކޮޅު ހުރިހާ މެމްބަރުން ޖަލްސާ ބޮއިކޮޓް ކޮށްފައިވާއިރު ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.