Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރިޔާސީ ބަޔާން ރައީސް އިއްވަވައިފި

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވައިފިއެވެ.

ދަރުބާރުގޭގައި މިރޭ 9 ޖެހި އިރު ބޭއްވި ޖަލްސާގައި ރައީސް ދެއްވި ބަޔާނަކީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ކުރު ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ނިމިގެން ދިޔަ އަހަރު ސަރުކާރުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދެވިކަން ރައިސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރައްވާ މިސްކިތުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސް ނިންމާލެވޭނެކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގެ ކުށުގެ ހާދިސާތައް 35 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށާއި، ބީހިޔާވަހި ކަމުގެ ބިޔަ މަޝްރޫއެއް ފެށިފައިވާ ކަމަށެވެ. އަދި އެމަޝްރޫއުގެ ދަށުން އެއްލައްކަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ރާއްޖޭގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ބޭރުގެ މާލީ އިދާރާތަކާއެކު ރަނގަޅު ގުޅުމެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ގޮތުން ކުރިއަށްދާ މަޝްރުއުގައި ޔޫއޭއީ އަދި ސައުދީ ސަރުކާރުން ހަދިޔާކުރި 160 މިލިއަން ޑޮލަރުގެ ތެރެއިން މަސްވެރި ކަމަށް ބޮޑު ހޭދައެއް ކުރައްވަމުން އަންނަ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށެވެ.