މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އިއުލާންކުރި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށް އިތުބާރު ހުރި އެކި މަސްދަރުތަކުން ކަށަވަރުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އިއްޔެ ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ ޤަރާރު ފާސްކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށެވެ. އެއީ ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީއެވެ.
ޕީޖީ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ޕީޖީ ބިޝާމް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކޮށްފައި ވަނީ ޤަނޫނު އަސާސީ އާއި މުޅިން ޚިލާފަށް ކަމަށް ވިދާޅުވެ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ.
ކުއްލި ޙާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް ފޮނުއްވި ސިޓީގައި އެދިފައި ނުވިނަމަވެސް، އެ ފަރާތްތައް ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރުމަށްފަހު ސުޕްރީމް ކޯޓްގެ ލަފައަކަށް އެދި ހުށަހަޅާފައެވެ.
އެގޮތުން އިއްޔެ މަޖިލީހުން ފާސްކުރި އެ ޤަރާރަށް ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ކުރީ، އެކޯޓުގެ ލަފައަކަށް ރައްޔިތުންގެ މަޖިލީހުން ހުށަހެއޅުމުންނެވެ. އެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ.
އަދި މިއަދު އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި ގޮތުގައި ޕީޖީގެ ސިޓީއަށް ފަހު ވެސް ރައީސް ޔާމީން ގެންދަވަނީ ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްނުލުމަށް ފުލުހުންނަށް ބާރުއަޅުއްވަމުން ކަމަށެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އުއްތަމަ ފަނޑިޔާރާއި ނުލައި ސުޕްރީމް ކޯޓަށް އަމުރު ނުނެރެވޭނެ ކަމަށާއި ސުޕްރީމް ކޯޓްގެ ސިއްކަ ވެސް އުއްތަމަ ފަނޑިޔާރުގެ ހުއްދަ ނެތި ބޭނުން ނުކުރެވޭނެ ކަމަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ހައްޔަރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މި މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރަށް ރައީސް ޔާމީން ޢަމަލުކޮށްފައިނުވާއިރު، އެ އަމުރަށް ކިޔަމަންވެ ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރާނެ ކަމަށް ވިދާޅުވި ފުލުހުންގެ ދެ ޗީފް އޮފިސަރުން ރައީސް ޔާމީން ވަނީ މަޤާމުން ވަކިކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ޔާމީން އަދިވެސް ގެންދަވަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރަމުންނެވެ.