ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސެވީއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
ސްޕޭނުގައި ކުޅުނު މިމެޗު 0-0 އިން އެއްވަރުވި ނަމަވެސް ރޭގެ މެޗުގައި މޮޅަށް ކުޅެފައިވަނީ ސެވީއާއިންނެވެ. އެޓީމުން ޔުނައިޓެޑުގެ ގޯލަށް ފުލު ފުލުގައި ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ރޭގެ މެޗުގައިވެސް ޔުނައިޓެޑު ކީޕަރު، ޑޭވިޑް ޑެހެއާ ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
ސެވީއާއިން މެޗުގައި ޔުނައިޓެޑު ކޮޅަށް 25 ހަމަލާ އުފައްދާފައިވާއިރު 8 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ. ޔުނައިޓެޑަށް މުޅި މެޗުގައި ވެސް ހެދިފައިވަނީ އެންމެ ހަ ހަމަލާއެވެ. އަދި ގޯލާ އަމާޒު ވެފައިވަނީ އޭގެތެރެއިން އެންމެ ހަމަލާއެކެވެ.
މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު، ޖޯސޭ މޮރީނިއޯ ބުނެފައިވަނީ މިނަތީޖާ އަކީ ގޯސް ނަތީޖާއެއް ނޫން ކަމަށެވެ. އަދި ދެވަނަ ލެގުގައި ޔުނައިޓެޑު މޮޅުވެއްޖެނަމަ ކުރިއަށްދާނެ ކަމަށާއި ހުރިހާވެސް އަމާޒެއް ހުރީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވުމަށް ކަމަށެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު މި ދެޓީމު އިނގިރޭސި ވިލާތުގައި ބައްދަލުކުރާ މެޗުން ޔުނައިޓެޑަށް މޮޅުވުން ނޫން ގޮތެއް ނެތެވެ. ބައިކޮޅަށް ލަނޑެއް ވަދެ، އެއްވަރުވިޔަސް އެވޭ ގޯލުން ކުރިއަށް ދާނީ ސެވީއާއެވެ.