ފުލުހުންނާއި ސިފައިންނަށް މިހާރު ކޮމާންޑް ކުރަމުން ދަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އާއި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިހާރު ފުލުހުންނާއި ސިފައިންނަށް ކޮމާންޑް ކުރަނީ ޖެނެރަލް އަދުރޭ އާއި ޖެނެރަލް ނިހާންކަމަށެވެ. އަދި މިއީ މިއަދު ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
"ޕީޕީއެމްގެ ރުމާލު2 އަކީ ދިވެހިރާއްޖެ ހިންގާ ހެޑްކުއާޓަރަކަށް ހަދައިގެން އެ ތަނުގައި ތިއްބަވައިގެން ޖެނެރަލް އަދުރޭއާ ޖެނެރަލް ނިހާނު ނެރޭ ކޮމާންޑްތަކަށް ދިވެހި ފުލުހުންނާ ސިފައިން ތަބާވާން ޖެއްސީމާ އެއީ ލަދުވެތިކަމެއް،"
ރޮޒެއިނާ ވިދާޅުވީ 2012 ފެބްރުއަރީ މަހު ވީޓީވީގައި ހުންނަވައިގެން ރައީސް ޔާމީން ފުލުހުންނާއި ސިފައިންނަށް ދެއްވި ނަސޭހަތް އަޑުއެއްސެވުމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިން ދިފާއު ކުރައްވަން ޖެހެނީ ރައީސުލް ޖުމްހުރިއްޔާ ނޫންކަމަށާއި، ފުލުހުންނާއި ސިފައިން ހިމާޔަތް ކުރަން ޖެހެނީ ގާނޫނު އަސާސީ އާއި ދިވެހި ގައުމުކަމަށް ޔާމީން ވިދާޅުވި ވިދާޅުވުން އަދި އެއްފަހަރު އަޑު އެއްސެވުމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީން ނިކަން އަންހެން ވެލައިގެން ގަޓު ހުރި ނަމަ އިސްތިއުފާ ދެއްވަން ވީ ކަމަށެވެ.