Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކޮރަޕްޝަނުގައި ރާއްޖެ 17 ދަރަޖަ ފަހަތަށް

ދިވެހި ރާއްޖެއިން ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ގޮސްފައި ކަމަށް ބައިނަލް އަގުވާމީ ގޮތުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން ރާއްޖެ ވަނީ 17 ދަރަޖަ ފަހަތަށް ވެއްޓި، މަތީ ދަރަޖައަކަށް ކޮރަޕްޝަނުގެ އަމަލުތައް ހިނގަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރާފައެވެ. ޓްރާންސްޕޭރެންސީ އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ ވަނީ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ގައުމުތަކުގެ ތެރޭގައިވެސް ހިމެނިފައެވެ.

ޓްރާންސްޕޭރެންސީ އިން ހޯދާ ކޮރަޕްޝަން އިންޑެކްސް ރިޕޯޓަކީ ވޯލްޑް ބޭންކުގެ ސީ އައި ޕީއާއި، ގްލޮބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންއާއި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓަށް ބަލައި، ތައްޔާރު ކުރެވޭ ރިޕޯޓެކެވެ.