ކުއްލި ހާލަތު އިތުރުކުރީ ގާނޫނާއި ހިލާފަށްކަމަށާއި އެ މުއްދަތުގައި ހައްޔަރުކޮށްފައިވާ ހައްޔަރީން ދޫކޮށްލެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް ފުލުހުންނަށް އެންގެވިކަމަށް އަޑުފެތުރިފައިވަނިކޮށް ރޭ ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާއިން ބިޝާމު ނުފެނުމުން އެކަމަނާއަށް ބައެއް ފަރާތްތަކުން ތައުރީފް ކުރައްވަން ފައްޓަވައިފިއެވެ.
ދައުލަތުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހާޒުރުވެވަޑައިގަންނަވާ ޖަލްސާއަކީ ކޮންމެ އަހަރެއްގެ ވެސް މަޖްލިސް އާ ދައުރަށް ހުޅުވާ ޖަލްސާއެވެ. މި ޖަލްސާގެ ދައުވަތު ކުރިއާލާ ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނަށް ފޮނުވައެވެ. އެހެން ކަމުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ގައުމަށް ވަރަށް މުހިއްމު ޖަލްސާއެކެވެ.
ނިމިގެން ދިޔަ އަހަރު ސަރުކާރުން ހިންގި މަޝްރޫއުތަކާއި ކުރިއަށް ގެންދަވާ މަޝްރޫއުތަކުގެ ތަފްސީލް ރައީސުލް ޖުމްހުރިއްޔާ މަޖްލިސްއަށް ހުށަހަޅުއްވާ އިރު ދައުލަތުގެ އެކި މުވައްސަސާއިންވެސް މި ޖަލްސާއަށް ހާއްސަ އިސްކަމެއް ދެއްވައެވެ.
ރޭ ދަރުބާރު ގޭގައި ރިޔާސީ ބަޔާން އިއްވި ޖަލްސާ ބޭއްވި އިރު، ރޭގެ ޖަލްސާއަކީ ކުއްލި ގޮތަކަށް ރުމާލު ދޭ ޖަގަހަގައި އަންގާރަ ދުވަހުގެ ރޭ އިއްލާން ކުރެވިގެން ބުދަ ދުވަހުގެ ރޭ ބޭއްވިގެން ދިޔަ ޖަލްސާއެކެވެ.
ޖަލްސާއިން ޕީޖީ ބިޝާމް ނުފެނުމުން އެކަން އިދިކޮޅު ފަރާތްތަކުން މިވަނީ ބޮޑު ވާހަކައަކަށް ހަދާފައެވެ. ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައިވެސް ބިޝާމްއަށް ވަނީ ތައުރީފް ކުރައްވާފައެވެ.
ޕީޖީ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ޕީޖީ ބިޝާމް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކޮށްފައި ވަނީ ޤަނޫނު އަސާސީ އާއި މުޅިން ޚިލާފަށް ކަމަށް ވިދާޅުވެ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ. އެހެންވެ މިފަދަ ވަގުތެއްގައި ބިޝާމް ޖަލްސާއިން ފެނިވަޑައިނުގަތުމުން އެކަމަނާވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ދެކޮޅު ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް ރޭގެ ޖަލްސާ އާއި ގުޅޭ ގޮތުންވެސް އަދި ކުށްވެރިން ދޫކޮށްލުމަށް ފުލުހުންނަށް ސިޓީއެއް ފޮނުއްވި ކަން ވެސް ނުވަތަ ނޫންކަންވެސް އަދި މިހާތަނަށް ޕީޖީ އޮފީހުން ހާމަކޮށްފައި ނުވެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އަންގާރަ ދުވަހު ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ ޤަރާރު ފާސްކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށެވެ. އެއީ ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީއެވެ.