Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އދ. ގެ ހުށައެޅުން ސަރުކާރުން ބަލައެއް ނުގަތް!

ދިވެހި ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ހަމަ މަގަށް އެޅުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަޝްވަރާ ފަށައި، އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހުށައެޅި ހުށައެޅުން ގަބޫލުކުރަން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްޓުގެ ތަރުޖަމާނުގެ ނައިބު، ފަރްހާން ހައްގު ވަނީ އދ. ގެ ހުށައެޅުން ގަބޫލުކުރަން ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް ބުނެފައެވެ. ސަރުކާރުން އދ. ގެ ހުށައެޅުން ގަބޫލުކުރުމަށް ދެކޮޅު ހަދަމުން ބުނެފައިވަނީ މަޝްވަރާގެ މި މަރުހަލާގައި މެދުވެރިޔަކު ބޭނުން ނުވާ ކަމަށެވެ.

ސަރުކާރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ދައުވަތު އެރުވުމުން، އިދިކޮޅުން ވަނީ ޝަރުތުތަކެއް ސަރުކާރަށް މަތިކޮށްފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި ހުކުމާއި އެއްގޮތަށް ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި މަޝްވަރާގައި މެދުވެރިއެއްގެ ރޯލު އދ. އިިން އަދާ ކުރުން ހިމެނެއެވެ.

ނަމަވެސް އެ ޝަރުތުތައް ހުށައެޅުމާއެކު ސަރުކާރުން ވަނީ އދ. ގެ ރޯލު ގަބޫލުނުކުރެވޭނެ ކަމަށް ބުނެފައެވެ. ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ބުނެފައިވަނީ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޭރުގެ ނުފޫޒު ގެންނަން ބޭނުން ނުވާ ކަމަށާއި މަޝްވަރާގައި ބައިވެރިވާނީ ދިވެހިން އެކަނި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ހުށައެޅި އިރުވެސް ވަނީ އދ. އަށް މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް ހުށައަޅާފައެވެ. އަދި އދ. އިން ވަނީ އިދިކޮޅު ފަރާތްތަކުގެ ހުށައެޅުން ގަބޫލުކޮށް، މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތައްޔާރަށް އޮތް ކަން ހާމަކޮށްފައެވެ.