Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މުޒާހަރާތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް އެންއައިސީން ބަލަނީ

މުޒާހަރާތަކާއި އެއްވުންތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލައި މޮނީޓާ ކުރަން ފަށައިފިއެވެ.

އެންއައިސީ އިން މިގޮތަށް އަމަލު ކުރަން ފަށާފައިވަނީ ފަހަކަށް އައިސް މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަމަލުތަކާއި ބަސްމަގު ހުންނަނީ ފުލުހުންގެ އަމަލުތަކާއި ބަސްމަގު ހުންނަން ޖެހޭ ގޮތަށް ނޫން ކަމަށް ބުނެ ގިނަ ބަޔެއްގެ ޝަކުވާ ލިބެމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މުޒާހަރާތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ބަލައި މޮނީޓާ ކުރުމުގައި އެންއައިސީން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެއިދާރާގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫސް "މިހާރު" އިން ރިޕޯޓުކޮށްފައިވެއެވެ.

އަދި މޮނިޓާކޮށް ނިމުމުން ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު ކޮމިޝަންގެ މެމްބަރުންނަށް ހުށައަޅާނެ ކަމަށް އެންއައިސީން ބުނެފައިވެއެވެ. މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އިތުރުން ކަރެކްޝަނަލް ސާވިސެސްގެ ބެލެނިވެރިއެއްގެ ރޯލު އަދާކުރާ މިނިވަން މުއައްސަސާއެކެވެ. އެންއައިސީ އަށް ހުށައަޅާ މައްސަލަތައް ބެލުމަށް ފަހު އެ މުއައްސަސާއެއްގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށައެޅުމާއި ޖިނާއީ މައްސަލައެއް ނަމަ ކޮމިޝަނުގެ ތަހުގީގަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށައެޅުމުގެ ގާނޫނީ ބާރު ލިބިފައި އޮންނަ މުއައްސަސާއެކެވެ.