ސޯޝަލް މީޑިޔާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އޮންލައިން ޕްލެޓްފޯމެކެވެ. ފޭސްބުކް ނުވަތަ ޓުވިޓާ އެކައުންޓެއް ނެތް މީހަކު މިހާރުގެ މުޖުތުމައުގައި މަދުވާނެއެވެ. އާންމުކޮށް ސޯޝަލް މީޑިޔާ ވެފައިވަނީ އެކުވެރިންނާއެކު ޚިޔާލު ބަދަލުކޮށް ތިމާގެ ޝުއޫރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިދޭ ވަސީލަތެކެވެ.
ނަމަވެސް ފަހަކަށް އައިސް ސޯޝަލް މީޑިޔާގައި ފާޅުކޮށްލެވޭ ޚިޔާލެއްގެ ސަބަބުން، ނުވަތަ ގޮވާލެވޭ ގޮވާލުމެއްގެ ސަބަބުން އަދާކުރަމުންދާ ވަޒީފާ ގެއްލޭ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޑުކިޔައި، ޚިޔާލު ފާޅުކުރި ތިން މީހަކު އަދާކުރަމުން ދިޔަ ވަޒީފާ ވަނީ ކުއްލި ގޮތަކަށް ގެއްލިގެން ގޮސްފައެވެ. އަދި އިތުރު މީހަކަށް ވަނީ އިންޒާރެއް ލިބިފައެވެ.
"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރަށް ފާޑުކިޔުމުން ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ މުވައްޒަފަކު ވަނީ ފާޅުގައި އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމަށް ބުނެ މާފަށް އެދި އެމްޕީއެލްގެ ސީއީއޯއަށް ސިޓީއެއްވެސް ލިޔެފައެވެ. އަދި އޭނާ ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއަށް ސޮއިކޮށް، ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެސް ވެފައެވެ.
ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވުމުގެ އަމަލެއް ހިންގުމުން އޭނާ ވަޒީފާއިން ވަކިކުރި ކަމަށް އެމްޕީއެލުން ބުނި ނަމަވެސް އެޒުވާނާ ގަބޫލުކުރާ ގޮތުގައި އޭނާ ވަކިކުރީ ސަރުކާރާ ދެކޮޅަށް ބުނެވުނު ބަހެއް، ނުވަތަ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައި އޮތް ހައްގެއް ކަމަށްވާ ޚިޔާލު ފާޅު ކުރުމުންނެވެ.
ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ ފަހަކަށް އައިސް އާންމު ވެފައިވާ ކަމެއް ކަމަށް ގިނަ މުވައްޒިފުން ބުނެއެވެ. ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒިފުންގެ ހާޒިރީ ބަލައި، މަގުބޫލު އުޒުރެއް ނެތި ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒިފުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށް މުވައްޒިފުން ބުނެއެވެ.
މާދަމާ ޕީޕީއެމުން އައްޑޫގައި ބާއްވާ ހަރަކާތެއްގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒިފުން ބައިވެރިވާން ޖެހޭނެ ކަން އަންގާފައިވާއިރު އިތުރު މީހުން ބައިވެރިކުރުމަށް ގެނައުމަށް ވެސް ވަނީ އަންގާފައެވެ. ރައްޔިތުން އަންނަނީ މިފަދަ އަމަލުތައް ކުރުވުމުން ވަޒީފާއަށް ނިކުތުމަށް ވެސް ފޫހިވެފައިވާ ކަމަށް ބުނެ ސަރުކާރަށް ސިއްރިއްޔާތުގައި ފާޑުކިޔަމުންނެވެ. ފާޅުގައި ކިޔައިފިނަމަ ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.