Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އީސީސީގައި ހަދާ ޓާޝަރީ ހޮސްޕިޓަލް މިއަހަރު މެދުތެރޭ ހުޅުވޭނެ: ރައީސް

ހިތަދޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭންފެށޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރޭ އިއްވެވި ރިޔާސީ ބަޔާނުގައެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް އައިމާ ކޮންސްޓަރަކްޝަން އާއި ހަވާލުކޮށް ކުރިއަށް ގެންދާ އިރު އެތަނަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފައެވެ.

20.9 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ މި ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާން މިހާރު އައްޑޫއަށް ގެނެވިފައިވާ އިރު ބައެއް ސާމާން ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫއަށް ގެނެވޭނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.