ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހުސައިން ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.
މިކަމް ޖުމްހޫރީ ޕާޓީ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ޖޭޕީގެ ސެކްރެޓޭރިއެޓް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސައިން ރަޝީދު އެ ޕާޓީ އާއި ގުޅިވަޑައިގެންފި ކަމަށެވެ. އަދި އެ ޕާޓީން ވަނީ ހުސައިން ރަޝީދަށް ވަރަށް ހޫނު މަރުހަބާ އެއް ވެސް ކިޔާފައެވެ.
ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައި ރައީސް ޔާމީނަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ހުސައިން ވިދާޅުވީ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްވެ، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ލިބެމުން ނުދާތީ ކަމަށެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުގެ އިތުރުން ހުސެއިން ވަނީ ޑްރަގް އެޖެންސީގެ ބޯޑް މެންބަރުކަމުންނާއި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑްގެ ވައިސް ޗެއާގެ މަގާމުންވެސް އިސްތިއުފާދެއްވާފަ އެވެ.
ހުސައިންއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ސަދަން ހެލްތު ހެލްތު ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އައްޑު އަށް ނިސްބަތްވާ ބޭފުޅެކެވެ.