އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގެ ތެރޭގައި ބަޑި ޖަހައި 17 މީހަކު މަރުވި ހާދިސާއަށް ފަހު އެފަދަ ހާދިސާތައް ތަކުރާރު ނުވުމަށް ހޯދަން ޖެހޭ ހައްލެއް ކަމަށް އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ހުށައެޅި ހައްލަކީ ޓީޗަރުން އަތަށް ހަތިޔާރު ދިނުމެވެ.
ޓްރަމްޕް ބުނެފައިވަނީ ޓީޗަރުންނަކީ ހަތިޔާރާއެކު ހަރަކާތްތެރިވާ ބަޔަކަށް ވެފައިވާނަމަ އެފަދަ ހާދިސާއެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުއްޓުވޭނެ ކަމަށެވެ. އަދި މީހުން ހަތިޔާރު ގަންނައިރު ރަނގަޅަށް އެމީހެއްގެ ފަތިފުށް ދިރާސާ ކުރުމަށްފަހުގައި ނޫނީ ހަތިޔާރު ނުވިކުމަށް ބާރު އެޅުމަށް ޓްރަމްޕް ގޮވާލިއެވެ.
ނަމަވެސް މިއީ އެގައުމުގެ ގިނަ ރައްޔިތުން އެއްބަސްވާ ހައްލެއް ނޫނެވެ. ފްލޮރިޑާ ސްކޫލުގައި ބަޑިޖަހައި، މަރުވި ދަރިވަރެއްގެ ބައްޕަ ބުނެފައިވަނީ ހައްލު ލިބޭނީ އިތުރު ހަތިޔާރު ގެނެސްގެން ނޫން ކަމަށާއި ހަތިޔާރު މަނާކުރުމުން ނޫނީ ހައްލެއް ނުހޯދޭނެ ކަމަށެވެ.
އެމެރިކާގައި އާންމުންނަށް ހަތިޔާރު ވިއްކުން އެއްކޮށް ހުއްޓާލުމަށް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ހަތިޔާރު ވިއްކުން ހުއްޓުވުމަށް ތާއީދު ނުކުރާކަން ފާހަގަކޮށްލެވެއެވެ.