Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

2007 ވަނަ އަހަރު ހިނގި ކޮރަޕްޝަންގެ އަމަލަކާ ގުޅިގެން ސުވާލު ކުރަން އުޅުުނު – ވަކީލު

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝަމީމް ވިދާޅުވީ 2007 ވަނަ އަހަރު ހިނގި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭސީސީ އިން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ.

އަދި ވަކީލެއްގެ ހާޒިރުގައި ސުވާލުތަކަށް ޖަވާބުދާރީވުމުގެ ޙައްޤު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން އޭސީސީ އަށް އެނގެންޖެހޭނެކަން ފާހަގަ ކުރައްވަމުން ޝަމީމް ވިދާޅުވީ އޭސީސީގެ ބޭފުޅުމް ކްރިމިނަލް ޕްރޮސީޖާ ކޯޑް (ސީޕީސީ) ނުކިޔާތީ ކަންބޮޑުވާކަމަށެވެ.

މީގެ ކުރިން ވެސް ރައީސް މައުމޫނު ވެރިކަމުގައި ހުންނެވި އިރު ކޮރަޕްޝަން މައްސަލައެއް ހިންގެވި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. އެއީ ފާރިސް ދައުލަތުން ކޮށްފައިވާ ޚަރަދެއް ނުދައްކާ ކަމަށް ތުހުމަތުކުރުވުމުން ބެލި މައްސަލައެކެވެ.

ރައީސްމައުމޫން މިހާރު ހުންނެވީ ދޫނިދޫ ޖަލުގައެވެ. މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.