ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޚިޔާލު ތަފާތު ނުވެ، ބަދަހިކަމާއެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
މަޖިލިސް މެމްބަރުން އަރިހުގައި އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ މިއަދު މެންދުރު މުލިއާގޭގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއެކު ގާތްގަނޑަކަށް ދެ ގަޑިއިރަށް ބޭއްވި ބައްދަލުވުމެއްގައެވެ.
އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ، ކުއްލި ހާލަތު 30 ދުވަހަށް އިތުރުކުރައްވަން ނިންމެވީ ކަންކަން ޙައްލު ކުރުމަށް އިތުރު އެއްވެސް ގޮތެއް ނެތުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވެފައެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލަން އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކުން ސަރުކާރަށް މާ ބޮޑު ޕްރެޝަރެއް ނެތްކަމުގެ ޔަގީންކަން ވެސް ރައީސް ޔާމީން ވަނީ މެމްބަރުންނަށް ދެއްވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓް ކުރާ ގޮތުގައި އދ.ގެ މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށާއި، އދ.ގެ ސެކްރެޓަރީ ޖެނެރަލް ފޯނުން ގުޅުއްވި ކަމަށާއި މަޝްވަރާގައި އދ.ގެ ބައިވެރިވުން މިވަގުތު ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ރައީސް ޔާމީން މެމްބަރުންނަށް ދެންނެވި އެވެ. އަދި ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ފެށުމަށް ފަހު، އދ. ގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަން ސެކްރެޓަރީ ޖެނެރަލް އަށް ދަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި، މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުންވެސް ރައީސް މައުލޫމާތު ހިއްސާ ކުރެއްވިއެވެ. ނަމަވެސް ފުލުހުން އަމަލުކުރާނީ އެޓާނީ ޖެނެރަލް ދެއްވާ ލަފަޔަށް ކަމަށް ވެސް ރައީސް ޔާމީން ޕީޕީއެމް ޕީޖީ ގްރޫޕަށް ދެންނެވި އެވެ.