Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން "ރާއްޖެ ޓީވީ" ޖޫރިމަނާކޮށްފިއެވެ.

އެމްބީސީ އިން ބުނާ ގޮތުގައި "ރާއްޖެ ޓީވީ" ޖޫރިމަނާ ކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 40 ވަނަ މާއްދާއާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާއާ ޚިލާފަށްކަމަށް އެ ޗެނެލް ގެ ޚިދުމަތް، 8 ފެބުރުވަރީ 2018 ދުވަހުގެ ރެއިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާތީ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ ނަންބަރުގެ ދަށުން, “ރާއްޖެ ޓީވީ” 2,000ރ (ދެ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަން ބަޔާންކޮށް "ރާއްޖެ ޓީވީ" އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އަދި ޖޫރިމަނާއަށް ވާ ފައިސާ، 20 މާރިޗު 2018 ގެ 12:00 ގެ ކުރީން ކޮމިޝަނަށް ދެއްކުމަށާއި މި ނިންމުމާ ދެކޮޅަށް ކަމާ ބެހޭ އިދާރާއަށް ހުށަހެޅުމުގެ ޙައްޤު "ރާއްޖެ ޓީވީ"އަށް ލިބިފައިވާކަން ވެސް އެ ސްޓޭޝަނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އެމްބީސީ އިން ބުނެއެވެ.

"ރާއްޖެ ޓީވީ" އިން ބުނީ އެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން މެދުކަނޑާލަން ޖެހުނީ ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ގިނަ އިންޒާރުތަކެއް ލިބުމުގެ އިތުރުން އެ ސްޓޭޝަނަށާއި މުވައްޒަފުންނަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.