Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"މުސްލިމުންނަކަށް ނޫން" ޖަހާފައި ހުރި ތަކެތި ފިހާރަތަކުން ނަގައިފި: ކަސްޓަމްސް

"ނޮޓް ފޯ މުސްލިމްސް (މުސްލިމުންނަކަށް ނޫން)" ޖަހާފައި ހުރި އުފެއްދުންތަކެއް މާލެއާއި ހުޅުމާލޭގެ ފިހާރަތަކަކުން ވިއްކަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ޕްރޮޑަކްޓައް ފިހާރަތަކުން ނަގާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގާފައިވާ ކަމަށާއި އެ ޕްރޮޑަކްޓްތަކުގައި ބަނގުރަލުގެ ބާވަތެއް ހިމެނޭ ކަމަށެވެ.

މި ޓްވީޓާއެކު ކަސްޓަމްސް އިން ހިއްސާ ކޮށްފައިވާ ދެ ޕްރޮޑަކްޓްގެ ފޮޓޯއަކީ ލޭޑީސް ޗޮއިސް ބްރޭންޑްގެ "ޗިކަން ސްޕްރެޑް" ފުޅިތަކަކާއި މާސްޓަރ ފުޑްސް ބްރޭންޑްގެ "ކަންޓްރީ ބީފް ކެސަރޯލް" އެވެ.

އެ ޕްރޮޑަކްޓްތަކުގެ ތެރެއިން ޕާނާ އެކު ގިނަ ބަޔަކު ކާން ބޭނުންކުރާ ބާވަތެއް ކަމުގައިވާ ޗިކަން ސްޕްރެޑް ފުޅީގެ މަތީގައި ވަރަށް ސާފު ބަހުން "ނޮޓް ފޯ މުސްލިމް" ވެސް ވަނީ ޖަހާފައެވެ.

މި ޕްރޮޑަކްޓްތައް ނަގާފައިވަނީ ކޮން ފިހާރައަކުން ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.