ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މިހާރު ހިނގަމުންދާ ކަންތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ޝާޢިޢުކުރައްވާ ޕްރެސް ސްޓޭޓްމަންޓްތަކާ މީޑިއާތަކަށް ދެއްވަމުންގެންދަވާ މަޢުލޫމާތު ދިވެހި ސަރުކާރުގެ ސަމާލުކަމަށްވަނީ އައިސްފައި ކަމަށާއި މިހާރު ބޭނުން ވަނީ ބަޔާންތައް ނެރުމުގެ ބަދަލުގައި މަޝްވަރާ ކުރުން ކަމަށް ވިދާޅުވެ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ދިވެހި ސަރުކާރުން 15 ދުވަހުގެ މުއްދަތަށް އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ޙާލަތު، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު، 30 ދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުން އިތުރު ކުރެއްވުމާ ގުޅިގެން، އެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ، ހަޤީޤަތާ ހިލާފަށް، ފެންނަހުރި ހެކިތަކަށް ބެއްލެވުމެއްނެތިކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
"5 ފެބްރުއަރީ 2018 ގައި ރައީސުލްޖުމްހުރިއްޔާ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރެއްވީ، ގާނޫނުއަސާސީގެ ބާރުތައް ހިޞާރުކުރާ ހިސާބަށް ކަންކަން ދިޔުމުން، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫއަރާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފައިވާކަމަށް ޤައުމީ ސާލާމަތާބެހޭ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ޤަރާރަކުންނެވެ."، ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަދި މި ޤަރާރު 20 ފެބްރުއަރީ 2018 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވުނު ޚާއްސަ ޖަލްސާގާއި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އިސްލާހުތަކަކާއެކު ފާސްކޮށް، 30 ދުވަހުގެ މުއްދަތަށް އިތުރުކުރައްވާފައި ކަމަށްވެސް ބަޔާނުގައި ވެއެވެ.
މި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ހިފެހެއްޓިފައިވާ ޤާނޫނު އަސާސީގެ ބައެއް މާއްދާތައް، ރައްޔިތުންގެ މަޖިލީހުން މިހާރު ދޫކޮށްލާފައިވާ ކަމާއި، އަދި ކުއްލި ނުރައްކަލުގެ ހާލަތަށް ޢަމަލުކުރުން މިހާރު ލާޒިމުވެގެންވަނީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ފަރާތްތައް އެކަނި ކަމާއި، އެ ޙާލަތުގެ އިޙުތިސާސްގެ ތެރޭގައި ހިމެނެނީ އެފަދަ ފަރާތްތައް ދިރި އުޅެފައިވާ ތަންތަން އެކަނި ކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯއްދެވުމަށް ހުށައެޅުއްވުމުން 21 ފެބްރުއަރީ 2018 ގައި އެ ކޯޓުން ވަނީ މަޖިލީހުގެ ނިންމުން ކުރިއަށް ގެންދިއުމަށް އަމުރު ނެރުއްވާފައެވެ."، ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ ދެކެފައިނުވާފަދަ ދަތި އުނދަގޫ ދަޑިވަޅެއް ކަމަށާއި، މި ހުތޫރަތްތެރި ދަނޑިވަޅުގައި އިންޑިއާއާއި ބައިިނަލްއަޤްވާމީ މުޖުތަމަޢުން އެއްބާރުލުން ދެއްވައި ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އެއްބާރުލުން ދެއްވުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.
އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނޭފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ ޢާއްމު ޙާލަތު ޢިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތަކުން އެއްކިބާވެތިއްބެވުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.
މީގެ އިތުރުން ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން، އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލުކުރުމަށްޓަކައި، ބައިނަލްްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށްއޮތްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.