ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ޤާނޫނު އަސާސީއާއި ޚިލާފުކަން ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެ ބާރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިގެން ނުވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން މިއަދު ބުނެފި އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން މިހެން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަވާތީ ކުއްލި ހާލަތެއް މިހާރު ނެތް ކަމަށް ވިދާޅުވެ ޕީޖީ އައިޝަތު ބިޝާމް، ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
މަޖިލީހުގެ ނިންމުމެއް ސައްހަ ނޫން ކަމަށް ޕީޖީއަށް ނޭންގޭނެ ކަމަށް ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ކަމަށް "އަވަސް" ނޫހުން ރިޕޯޓް ކުރެއެވެ.
އަދި ޕީޖީގެ އެ އެންގެވުން ޤާނޫނާ ހިލާފު ކަމަށް ސިފަކުރައްވަމުން އަދުރޭ ވިދާޅުވީ ޕީޖީ ވެސް ގާނޫނާ ޚިލާފު އެންގުމެއް އެންގެވުމަކީ އެއަށް ފުލުހުންނާއި ސިފައިން އަމަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކޮށްގެން އަޅުގަނޑުމެން ގަބޫލުކުރަނީ މަޖިލީހުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް، އެއަށް ބާރު އެބަ ލިބޭ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން،" އަދުރޭ ވިދާޅުވި ކަމށް "އަވަސް" އިން ރިޕޯޓް ކުރެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އަންގާރަ ދުވަހުގެ ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީ، ޕީޖީ ބިޝާމް ވެސް ވަނީ ކުއްލި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ.
ކުއްލި ޙާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް ފޮނުއްވި ސިޓީގައި އެދިފައި ނުވިނަމަވެސް، އެ ފަރާތްތައް ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށާއި، އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށް ޕީޖީގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.
ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށާއި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރުމަށްފަހު ސުޕްރީމް ކޯޓްގެ ލަފައަކަށް އެދި ހުށަހަޅާފައެވެ. އެގޮތުން އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި އެ ޤަރާރަށް ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ. އަދި އިއްޔެ އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ގަރާރު ފާސްކުރި ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިނުގަންނަވާ އެ ދުވަހުގެ ހާޒިރީގައި މެންބަރުން ސޮއިކުރައްވާފައިވާ ކަމަށާއި، އެހެންވެ އެ ބޭފުޅުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެ ޕީޖީއިން އިދިކޮޅު މެންބަރުންނާ ދެކޮޅަށް ދައުވާކުރުމަށް ގޮވާލައްވާފައެވެ.