Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އޭޖީއާ ބައްދަލުކުރަން ޝާހީން ހަމީދު އެދިވަޑައިގެންފި

ޝާހީން ހަމީދު - ފޮޓޯ: އަވަސް

ޤާނޫނީ ވެރިކަން ނެގެހެއްޓުމާއި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭގޮތުން ޤާނޫނީ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށްޓަކައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ބައްދަލުކުރެއްވުމަށް ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.

ބަންޑާރަ ނައިބަށް މިއަދު ޝާހީން ހަމީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމުގެ ސަބަބުން ޤާނޫނު އަސާސީއާއި ޤާނޫނުގެ ވެރިކަމަށް ނުރައްކާވެފައިވާތީ ދިވެހިރާއްރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލެއްގެ ޙައިޞިއްޔަތުން ޚުދު ޝާހީން އަށްވެސް އަދި އެހެން ޤާނޫނީ ވަކީލުންވެސް ވަރަށް ކަންބޮޑުވާ ކަމަށެވެ.

ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަކީ ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)އިން ބަންޑާރަ ނައިބަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށްވާއިރު ދައުލަތުގެ ދުސްތޫރީ ނިޒާމް އޮޅުންބޮޅުންވެފައިވާ މިދަނޑިވަޅުގައި އެ ކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންބޮޑުވުންތައް އޭޖީ އަނިލްގެ އިތުރުން އޭޖީ އޮފީހުގެ އިސް ބޭފުޅުންނަށް ހުށަހެޅުމަށް އެ އޮފީހުގެ އިސް ވަކީލުންނާއެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝާހީން ވަނީ އެދިވަޑައިގެންފަ އެވެ.

ޝާހީން ވަނީ މީގެ ކުރިން ފަނޑިޔާރުން ރަހީނުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ކޯޓުތައް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.