Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކުއްލި ހާލަތު އުވާލުމަށް އޭޖީ އޮފީހުގެ އިސް ވަކީލަކު ގޮވާލައްވައިފި

މަރިޔަމް ޝުނާނާ - ފޮޓޯ: ވީއެފްޕީ

ޤާނޫނު އަސާސީ އާއި ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ވަގުތުން އުވާލުމަށް އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވަކީލަކު ކަމުގައިވާ މަރިޔަމް ޝުނާނާ ގޮވާލައްވައިފި އެވެ.

ޝުނާނާ މިހެން ގޮވާލައްވާފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝުނާނާ ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ވަގުތުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވާފައެވެ. އަދި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާއި ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފަހައްޓަން ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

މިއީ ދައުލަތް ތަމްސީލު ކުރާ ވަކީލަކު ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވަކީލަކު ކުއްލި ހާލަތު އޮވާލަން ގޮވާލި އިރު، ކުއްލި ހާލަތު އިއުލާންކޮށް އެކަން ދިފާއު ކުރުމަށް އެޓާނީ ޖެނެރަލް މަސައްކަތް ކުރައްވާތީ އެޓާނީ ޖެނެރަލްއާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ އޮފީހުގެ ވަކީލުން ވަނީ ކުރައްވާފައެވެ.

އެހެންނަމަވެސް ވަޒީފާގެ ބިރުވެރިކަން އެބަ އޮތް ކަމަށް ވިދާޅުވެ އެ ޕެޓިޝަނުގެ މަސައްކަތް ވަނީ ފަހުން ހުއްޓާލާފައެވެ.