Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރިވާނެ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ އިދާރާ - ފޮޓޯ: ރާއްޖެއެމްވީ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެގެންދާނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން 2018 ގެ ރިޔާސީ އިންތިޚާބު ޤާނޫނު އަސާސީގައިވާ ގޮތގެ މަތިން، މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އަދި ޤާނޫނުގައިވާ ގޮތުގެ މަތިން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް މި އަހަރުގެ ޖުލައި މަހުގައި އިއުލާން ކުރެވޭނެ ކަމަށްވެސް އީސީ އިން ބުނެއެވެ.

އީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުން 2017 ގައި އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެގެންދިޔައީ މިނިވަން އަދި އިންސާފްވެރި އިންތިޚާބަކަށް ކަމަށާއި، އެކަން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ބޭރުގެ ފަރާތްތަކުން ޤާބޫލުކުރާ ކަމަށެވެ. އަދި ހަމަ އެފަދައިން މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ވެސް މިނިވަން އަދި އިންސާފްވެރި އިންތިޚާބެއް ކަމުގައި ވާނޭ ކަމުގެ ޔަޤީންކަން ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް އަރުވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އީސީ އިން ބުނީ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެ ކޮމިޝަނުން ފަށާފައިވާ ކަމަށާއި، އިންތިޚާބުތަކުގައި އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަމުން ދާނޭ ކަމަށެވެ.

އަދި ދައުލަތާއެކު އިންތިޚާބުގެ ޤަނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާ ކުރެއްވުމަށްފަހު ވިލާތުގެ އިއްތިހާދުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛް ކުރަމުންގެންދާނެ ކަމަށްވެސް އީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.